Thursday, November 5
ބޭރު ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް %10 އިތުރުކުރަން ފާސްކޮށްފި

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމަށް "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މި ބިލު ފާސްކުރުމަށް ވޯޓު ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 54 މެންބަރުންނެވެ. އަދި މި ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ 2 މެންބަރުންނެވެ.

ވިތުހޯލްޑިންގ ޓެކްސްއަކީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ބޭރުގެ ކޮންޓްރެކްޓަރަކަށް ދިވެހި ވިޔަފާރިއަކުން ފައިސާއެއް ދައްކާނަމަ، އެ ދައްކަންޖެހޭ ޖުމްލަ އަގުގެ ތެރެއިން އުނިކޮށް، ދިވެހި ކުންފުނިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހެކެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން މިފަދަ ފަރާތްތަކުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ ލިބޭ ފައިސާގެ %5 އެވެ. ނަމަވެސް، މިއަދު ފާސްކުރި އިސްލާހާއެކު، ޤާނޫނުގެ 55 ވަނަ މާއްދާއަށް ބަދަލު ގެނެސް، އެ އަދަދު ވަނީ %10 އަށް ބޮޑުކޮށްފައެވެ.

ސަރުކާރުން މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަޤުޞަދެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ހިންގާ އެކި މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކަށާއި ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި އިންސާފުވެރި ވާދަވެރި މާހައުލެއް ޤާއިމުކޮށްދިނުމެވެ.

މީގެއިތުރުން، މި ބަދަލާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވްރެޖުކޮށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު