ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ މަސައްކަތް ނިންމައި، އަންނަ ޑިސެންބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޞައްޙަތޯ ބެލުމުގެ (ވެރިފިކޭޝަން) މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު ޢާންމުކުރެވޭނެ ކަމުގެ ޔަޤީންކަން ނާޒިމް ދެއްވިއެވެ.
ޑިސެންބަރު މެދު ތެރެއަށް އިވެލުއޭޝަން އެއްކޮށް ނިންމާލެވޭނެ، އަޅުގަނޑުމެންގެ ތާވަލު އޮތް ގޮތުން ޑިސެމްބަރުގެ ކުރީކޮޅު ނިންމާލެވިފައި (އިވެލުއޭޝަން) މެދު ތެރެއަށް ދާއިމީ ލިސްޓެއް އިއުލާނު ކުރެވޭނެ ނާޒިމު ވިދާޅުވީ، ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މަޢުލޫމާތުތައް، އިވެލުއޭޝަން މަރުޙަލާގެ ތެރެއިން އެޕްލިކަންޓުންނާ މިނިސްޓްރީން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
މި މަރުޙަލާގައި ބަލާނީ ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކަށެވެ. އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތުގައި އެއްވެސް ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެކަން އެޕްލިކަންޓަށް އަންގާނެއެވެ.
މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ ނޯޓިހުގައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށްވާނަމަ، އެކަމުގެ ތަފްޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
އަދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަނަށް އަންނަ ކޮންމެ ބަދަލެއް، ފޯމު ފުރުމުގައި ބޭނުންކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާނެ ކަމަށާއި، ނަމަވެސް، މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ އެޕްލިކޭޝަނަކީ ޝަރުޠު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ލިޔުން ކިޔާލުމުން



