ރާއްޖޭގެ އެކި ރަށްތަކުގައި އަލަށް އާބާދުވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށްގެންދަވާ މަޝްރޫއުގެ ދަށުން، ހަތަރު ރަށެއްގެ އާ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުށްޓެވެ.
ފެނަކައިން ހާމަކުރި ގޮތުގައި މީގެ ތެރެއިން ލ. ފޮނަދޫގެ އާ ސަރަހައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމާލާފައިވާއިރު، އެ ސަރަހައްދުގެ 80 ގޭބިސީއަކަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ތ. ބުރުނީގެ އާ ސަރަހައްދުގައި ހިމެނޭ 48 ގޭބިސީއަކަށްވެސް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
އަދި ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްތައް ނިމިދިޔަ އަހަރުގެ ތެރޭގައި ނިންމާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ހަރުކޮށްފައެވެ.
ފެނަކައިން އިތުރަށް ބުނީ ރ. މާކުރަތާއި އެ އަތޮޅު ވާދޫގެ އާ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ނިންމާލާފައިވާއިރު، މި ރަށްތަކުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމައި، ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރަމުންދާ ކަމަށެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި އަލަށް އާބާދުވާ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން



