ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިންޖިނިއަރސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތަށް ދެވިފައިވާ ސުންގަޑި، 27 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.
މި އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ވެފައި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރު އާލާކުރުމުގެ މަޤްޞަދުގައި ދޭ އެވޯޑެކެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އެވޯޑު ޖުމްލަ 10 ގިންތިއަކުން ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ގިންތިތައް:
- އިންޖިނިއަރ އޮފް ދަ އިޔަރ
- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއަރ އެވޯޑް
- ވިމެން އިން އިންޖިނިއަރިންގ އެވޯޑް
- އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑް
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިންގ ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
- ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް
އެވޯޑަށް ނަން ހުށަހެޅުމަށް ބޭނުންވާ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.



