އާދިއްތަ, October 11
އައްޑޫ އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް ޤާއިމުކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ޚާރިޖީ ވުޒާރާ - ފޮޓޯ: ދި އެޑިޝަން

އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދެ ޤައުމުގައި ކޮންސުލޭޓްތަކެއް ޤާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް، ސައްހަނޫން ޚަބަރުތަކެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން އެ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ވެރިކަންކުރާ މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. އަދި މިފަދަ ކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން މެނުވީ ނިންމޭނެ ނިންމުމެއް ނޫން ކަމަށްވެސް ސަރުކާރުން ދެކޭ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޚަބަރު ފަތުރާ ވަސީލަތްތަކުންނާއި މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިޢުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށާއި، ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކޮށް، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު