އާދިއްތަ, October 11
ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަށް ދޭ މާލީ އެހީއަށް އެދުމަށް ހުޅުވާލައިފި

ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ހުންނަ ރޯޝަނީ ބިލްޑިންގ - ފޮޓޯ: ޙުސައިން ވަޙީދު (މިހާރު)

ދުންފަތާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ތަފާތު ޙަރަކާތްތަކުގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް މާލީ އެހީ ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މި އެހީއަކީ ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް މާލީ އެހީދިނުމުގެ އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އެހީއެކެވެ. މިއީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށާއި، ރައްޔިތުން ހޭލުންތެރިކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމުގެ މަޤްޞަދުގައި ދެވޭ އެހީއެކެވެ.

އެޗްޕީއޭ އިން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން، މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮތީ ބަޔާންކުރެވިފައިވާ އުޞޫލުގެ 5 ވަނަ މާއްދާގައިވާ ޝަރުޠުތައް ފުރިހަމަވާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށެވެ. އެހީ ދިނުމުގެ މަރުޙަލާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުޙަލާގައި، އިޢުލާނުކުރާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޕްރޮޕޯސަލްގެ ކޮންސެޕްޓް ނޯޓާއި، ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ލިޔުމުގެ އިތުރުން އަސާސީ ޤަވާޢިދު ހުށަހަޅަންޖެހެއެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ ބައިވެރިވާ އެހެން ޖަމާޢަތްތަކުގެ ރަޖިސްޓްރީ ވެސް ހުށަހަޅަންޖެހޭނެއެވެ. ކޮންސެޕްޓް ނޯޓް ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 7 ދުވަސް ތެރޭގައި އެ ނޯޓުތައް އިވެލުއޭޓްކޮށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަން އަންގާނެއެވެ.

ދެވަނަ މަރުޙަލާގައި، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން 14 ދުވަހުގެ ތެރޭގައި ފުލް ޕްރޮޕޯސަލް (ތަފްޞީލީ ހުށަހެޅުން)، ބަޖެޓުގެ ތަފްޞީލު، ގުޅިގެން ހުށަހަޅާނަމަ އެއްބަސްވުން، ވޭތުވެދިޔަ ތާނގައި މިފަދަ ދާއިރާތަކުން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އަދި މަޞްލަޙަތު ފުށުނާރާކަމުގެ ބަޔާން ހުށަހަޅަންވާނެއެވެ. ތަފްޞީލީ ހުށަހެޅުންތައް ލިބުމަށްފަހު، އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރާނީ އެ މުއްދަތު ހަމަވާތާ 60 ދުވަހުގެ ތެރޭގައެވެ.

މާލީ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ލިޔެކިޔުންތައް tobaccofreemaldives@hpa.gov.mv އަށް އީމެއިލް ކުރެއްވުމަށް އެޗްޕީއޭއިން އެދެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ އެޖެންސީގެ ނަންބަރު 3024595 އަށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު