އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޖީ ބާލަސުބްރަމަނިއަން "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކުލަވައިލެއްވި "ވިޝަން ޑޮކިއުމަންޓް" ތަންފީޒުކުރުމަށް އިންޑިއާއިން ހާއްސަ އިސްކަމެއް ދޭނެކަމަށް ވިދާޅުވެއްޖެއެވެ. ސަފީރުގެ އިންޓަވިއުގައި ދެ ޤައުމުގެ މެދުގައި ސިޔާސީ، އިގުތިސާދީ، ޑިޖިޓަލް، ހަކަތަ، އަދި އަސްކަރީ ދާއިރާތަކުން އޮތް ގުޅުންތައް އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި، އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދެ ޤައުމުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ގޮތުން، ރާއްޖޭގެ ސިވިލް އަދި އަސްކަރީ ދާއިރާގެ 1,600 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ތަމްރީނު ފުރުސަތުތައް ފޯރުކޮށްދެއެވެ.
ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއާއި، ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ގަވާއިދުން ކުރާ ކާގޯ ދަތުރުތައް ވަނީ ފާހަގަކުރައްވައިފައެވެ. އެއް ކަނޑެއް ހިއްސާކުރާ ދެ ޤައުމުގެ ދެމެދުގައި ސަގާފީ އަދި އިގުތިސާދީ ދިގު ތާރީހެއް އޮތްއިރު، ކުރިއަށް އޮތް ތަނުގައިވެސް ސައިންސާއި، ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ އަދި ޑިޖިޓަލް މާލީ ނިޒާމުގެ ދާއިރާއިން "ވިޝަން ޑޮކިއުމަންޓް" ގެ ދަށުން އެއްބާރުލުން އިތުރުކުރާނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.



