Wednesday, October 7
"ފްރެންޑް 4" ދޯނިން ގެއްލުނު މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

މި ހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލައި، ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު 3 މީހުން ހޯދުމަށްޓަކައި މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިންމައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެމަގުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ވަޔާއި އޮއިވަރު ހުރި ގޮތަށް ބަލައި މީހުން އޮޔާ ހިނގައިދާނެ ކަމަށް ލަފާކުރެވޭ މިސްރާބުން ހުވަދޫ ކަނޑުގެ އިތުރުން، ލ. އަތޮޅާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ.

މި އޮޕަރޭޝަންގައި ވައިގެމަގުން ބެލުމަށް މޯލްޑިވިއަންގެ އެއަރކްރާފްޓްގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ ޓީބީ-2 ޑްރޯން ވަނީ ބޭނުންކޮށްފައެވެ. މި ޑްރޯންތަކަކީ އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދު ބެލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. މީގެއިތުރުން، އޮސްޓްރޭލިޔާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ވެސް ކަނޑުމަގުން މި އޮޕަރޭޝަނުގައި ވަނީ ހަރަކާތްތެރިވެފައެވެ.

މި އޮޕަރޭޝަނަށް އިތުރު ބާރެއް ލިބިގެންދިޔައީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ސަރުކާރުން ވެދިން އެހީތެރިކަމުންނެވެ. އެގޮތުން އެމެރިކާ ނޭވީގެ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު ޚާއްޞަ މަތިންދާބޯޓެއް ކަމަށްވާ "ޕީ-8" ބޯޓު ބޭނުންކޮށްގެން، އިއްޔެ ވަނީ 6,300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑު އެއްކޮށް ސްކޭން ކޮށްފައެވެ.

ދޯނި އަޑިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ލޭންޑިންގ ކްރާފްޓަކާއި، ފުލުހުންގެ ލޯންޗެއްގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނިން ފުންމާލި މީހުންނާއި ކުއްލިއަކަށް ނުކުމެވުނު މީހުން ވަނީ އެ ވަގުތު ސަލާމަތްކުރެވިފައެވެ. އެހެންނަމަވެސް، ދޯނި ވަރަށް ކުއްލި ގޮތަކަށް އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށް ވާތީ، ގެއްލިފައިވާ 3 މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިއީ އާދައިގެ ޑައިވަރުންނަށް ދެވޭނެ ފުންމިނެއް ނޫން ކަމަށާއި، އަދި އަސްކަރީ ނިއުކްލިއަރ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ފުންމިނެއް ނޫން ކަމަށް ސިފައިން ފާހަގަކުރެއެވެ.

މި ހާދިސާއަށް 11 ދުވަސް ވެފައިވާއިރު، 16 އޮގަސްޓް 2026 ގެ އިރުއޮއްސި 18:00 ގެ ނިޔަލަށް ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު، ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު އަދި ފަރުތަކާއި ގޮނޑުދޮށްތަކުން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ. ނަމަވެސް މިހާތަނަށް ގެއްލުނު 3 މީހުންގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު