މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިންތިޒާމުކޮށްގެން ހއ. އުތީމުގައި ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ޤައުމީ ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން އުތީމުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި، ކުޑަކުދިންގެ މެދުގައި މަޤްބޫލު ތަފާތު ގިނަ ކުޅިވަރުތަކާއި ޝައުޤުވެރި ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަރަށް ފޯރިއާއި ޖޯޝާއެކު މި ހަރަކާތްތަކުގައި ބައިވެރިވެފައިވާއިރު، އުތީމުގެ ރައްޔިތުންގެ ފަރާތުންވެސް މި ހަވީރަށް ވަރަށް ފުރިހަމަ ތަރުޙީބަކާއި އެއްބާރުލުމެއް ވަނީ ލިބިގެން ގޮސްފައެވެ.
މި ހަވީރުގެ އެންމެ ޚާއްޞަ އެއް ޙަރަކާތެއްގެ ގޮތުގައި ފާހަގަކުުރެވުނީ، ދިވެހި ތާރީޚީ އުޅަނދު "ކަޅުއޮށްފުއްމި" ނަމޫނާއަކަށް ބަލައިގެން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ފެނަކައިގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކުރި ކުޑަ ދޯންޏެވެ. ފެނަކަ ޓީމުގެ މި އުފެއްދުންތެރި މަސައްކަތަށް ކުޑަކުދިންގެ އިތުރުން ރަށުގެ އެންމެހައި ރައްޔިތުންގެ ބޮޑު ސަމާލުކަމަކާއި ތަޢުރީފެއް ވަނީ ލިބިގެން ގޮސްފައެވެ.
ފެނަކައިން މަޢުލޫމާތު ދެއްވި ގޮތުގައި މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ދުވަހުގެ ތާރީޚީ އަހައްމިއްޔަތުކަމާއި ޤައުމީ ރޫޙު ޅަދަރިންގެ ހިތްތަކުގައި ބިންވަޅުނަގައިދީ، އުފާވެރި މާޙައުލެއްގެ ތެރެއިން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމެވެ.
މީގެ އިތުރުންވެސް، ޤައުމީ ދުވަހުގެ ރަސްމީ އެކި ޙަރަކާތްތަކަށް އުތީމު ޒީނަތްތެރިކޮށް ތައްޔާރުކުރުމުގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ ނަމޫނާ ދައްކުވައިދީ، ވަރުބަލިކަމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.



