މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ބޭރުގެ ބަޔަކު ހެކްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސްއަށް ބަދަލު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުގެ ސްކްރީންޝޮޓްތައް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އާއި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ޑޭޓާބޭސްއަށް ބަދަލުތަކެއް ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައެވެ. އަދި ރޭގެ 11:30 ގައި ސާވާ އާއި ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށްފައިވާތީ، ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. މިއީ ބޭރުން ފަޔާވޯލް ފަޅާލައިގެން ދީފައިވާ ހެކިން ހަމަލާއެއް ނޫންކަންވެސް އެމްޓީސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ. އަދި ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމުގެ އަސްލު މަގުސަދަކީ ކުންފުނިން ހޯދާފައިވާ ރައްޔިތުންގެ އިތުބާރު ނަގާލުން ކަމަށްވާއިރު، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެ ކުންފުނި ދެމިއޮންނާނެއެވެ.



