ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް، ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަޙްމަދު ޖަމްޝީދު މުޙައްމަދުގެ ނަން ރާއްޖެއިން ހުށަހަޅައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސިއްހަތާ ބެހޭ ވުޒާރާއިންނެވެ. ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުން ވެސް ވަނީ މި މަޤާމަށް ކެންޑިޑޭޓުން ހުށަހަޅާފައެވެ.
ޑރ. ޖަމްޝީދު މިހާރު ހުންނެވީ ޑަބްލިއުއެޗްއޯއިން ބަންގްލަދޭޝަށް ކަނޑައަޅާފައިވާ މަންދޫބުގެ މަޤާމުގައެވެ. އެ މަޤާމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ޑަބްލިއުއެޗްއޯގައި 12 އަހަރު ހޭދަކުރައްވާފައިވާ ޑރ. ޖަމްޝީދު ވަނީ ނޯތު ކޮރެއާއަށް ކަނޑައަޅާފައިވާ މަންދޫބުކަމާއި، ބަންގްލަދޭޝްގެ ނައިބު މަންދޫބުކަމާއި، ޖަމިއްޔާގެ ސަރަހައްދީ އޮފީހުގެ ރީޖަނަލް އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.
ސިއްހީ ދާއިރާއާއި ބައިނަލްއަޤްވާމީ ސިއްހީ ޑިޕްލޮމަސީގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޑރ. ޖަމްޝީދު، 2012 އިން 2013 އަށް ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.






