Wednesday, November 18
ޤައުމަށް ފައިދާހުރި ނަމަ "އަންޕޮޕިއުލާ" ކަންކަން ވެސް ކުރާނަން: ރައީސް

ވޭޕް މަނާކުރުމާއި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަކީ އާންމުންގެ މެދުގައި މަޤްބޫލު ނޫން ނިންމުންތަކެއް ކަމުގައި ވިޔަސް، ޤައުމަށް ފައިދާހުރި ކަމެއް ނަމަ އެފަދަ ކަންކަން ފަސްޖެހުމެއް ނެތި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ބައެއް ފަހަރު ވަރަށް އަންޕޮޕިއުލާ ކަންތައް ކުރާ މީހެއް އަޅުގަނޑަކީ. އެހެން ނަމަވެސް ރަނގަޅު ކަންތައް ކުރަން އިސްކަންދެނީ އަންޕޮޕިއުލާ ވިޔަސް. ޤައުމަށް ފައިދާ ހުރި ކަމެއް ވެއްޖެއްޔާ އެއީ ކިތަންމެ އަންޕޮޕިއުލާ ކަމެއް ވިޔަސް ޤައުމަށް އިޚްލާޞްތެރިވެ އަޅުގަނޑު އެކަމެއް ކުރާނަން، ކުރިއަށް އޮތް ތަނުގައި ވެސް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން އުޅުއްވުމުން، އެއީ ގިނަ ބަޔެއްގެ ވިޔަފާރި ހަލާކުވާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ވޯޓު ވެސް ނުލިބޭނެ ކަމަށް ގިނަ ފަރާތްތަކުން ބުނަމުން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއީ ޒުވާނުންގެ ދުޅަހެޔޮކަމަށްޓަކައި ނިންމި ކަމެއް ކަމަށާއި، އެކަން ނުކުރި ނަމަ ރާއްޖެ އޮންނާނީ ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތުގެ ބޭނުން ހުއްޓުވުމަށް ގެންގުޅޭ "ޖެނެރޭޝަނަލް ބޭން" ފަދަ ސިޔާސަތުތަކަކީ ވެސް ވަގުތީ ގޮތުން މަޤްބޫލު ނޫން ނަމަވެސް، އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި ނިންމި ނިންމުންތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް މަސައްކަތްކުރުމުން، ޓޫރިޒަމް ދާއިރާގެ އިސްވެރިން އެކަމާ ދެކޮޅު ހަދައި، އެއީ ޓޫރިޒަމް ހަލާކުވާނެ ކަމެއް ކަމަށާއި އިސްރާއީލުގެ ގިނަ އިންވެސްޓަރުން ރާއްޖޭގައި ތިބި ކަމަށް ދެންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެ އިންވެސްޓަރުން ރާއްޖެ ދޫކޮށްލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ދޫކޮށްލިޔަސް އެ ޖާގައަށް އެއަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް ވިދާޅުވެ، އެ ނިންމުން ބަދަލު ނުކުރައްވައި ކުރިއަށް ވަޑައިގެންނެވި ކަމަށެވެ.

ޤައުމުގެ ޙައްޤުގައި ނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ގޮތުން ކުރިމަތިވެދާނެ ފާޑުކިޔުންތަކާއި ލޭބަލްތަކަށް ބެއްލެވުމެއް ނެތި ނިންމަވާ ނިންމެވުންތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު