ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވާ ރަސްމީ ޖަލްސާގައި 113 ބޭފުޅަކަށް ދައުލަތުގެ ޝަރަފުވެރި އިނާމުތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ޖަލްސާ ބާއްވާނީ މާދަމާރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
އެގޮތުން މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ދެއްވާއިރު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވާނެއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ދެއްވާނެއެވެ. ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ކަނޑައެޅުއްވީ ޤައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށްވާއިރު، ޚާއްޞަ އިނާމަށް ބޭފުޅުން ހޮއްވެވީ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީންނެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ 57 ބޭފުޅުންގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅަކާއި، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދައިގެން އިނާމު ހާސިލުކުރި އެއް ފަރާތެއް ވެސް މި ލިސްޓުގައި ހިމެނެއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ވަނީ ޝަރަފުވެރި އިނާމު ދެއްވާފައެވެ.






