އިމްތިހާން ފީ ނުވަތަ ތައުލީމީ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނަމަ އެކަން އެންގުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެދިފައެވެ. ބީއެމްއެލްއިން ވަނީ އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ދުވާލަކު ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް ކަނޑައަޅާފައިވީ ނަމަވެސް، ތަޢުލީމީ، ޞިއްޙީ އަދި މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓުތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
އައިއީއެލްޓީއެސް ފަދަ ތަޢުލީމާ ގުޅުންހުރި އިމްތިހާން ފީތައް ދައްކާއިރު، ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް މަރޗަންޓް ކެޓަގަރީ ކޯޑު ބޭންކަށް ލިބޭއިރު އެ މުޢާމަލާތްތައް ހިނގަނީ ތަޢުލީމީ ދާއިރާގެ ކޯޑުގެ ދަށުން ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުންކަން ބޭންކަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ ސަބަބުތަކާ ހުރެ ބައެއް މުޢާމަލާތްތައް ފުރިހަމަނުވެ ޑިކްލައިންވާ ހާލަތްތައް ދިމާވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުޢާމަލާތެއް މުރާޖަޢާކުރުމަށްފަހު، އެފަދަ ޚިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތަށް އެ ސައިޓެއް ކަނޑައަޅައި، މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ. އަދި ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދިމާވާ އެންމެހާ ކަންކަމުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.



