"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ނެއިބަހޫޑް 1 ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގެ ފެސިލިޓީ މެނޭޖްމެންޓާއި ތިލަފުށި އޮޕަރޭޝަންސްގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މަސައްކަތަކީ ވޭތުވެދިޔަ ދެ ހަފުތާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ ތަފާތު ސަރަހައްދުތައް ސާފުކުރުމަށް ރޭވިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މަދިރި މަދުކުރުމަށްޓަކައި ބައެއް ސަރަހައްދުތަކުގައި ފޮގުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން އެ ސަރަހައްދުން 138 ޕްލާސްޓިކް ފުޅީގެ އިތުރުން، މަދިރި ފަނި އަޅާފައި ހުރި 487 ފުޅިމަދުފޮއްޓާއި ފުޅިބުރިއާއި ބަކެޓް ފަދަ ތަކެތި ވަނީ ނައްތާލާފައެވެ. އަދި މަދިރި ފުޅައު ފެދިފައިވާ 18 ތަނަކާއި، ނަޖިސް ފެންގަނޑު ހެދިފައިވާ 5 ތަނެއް ވެސް ވަނީ ނައްތާލައި ސާފުކޮށްފައެވެ.
މި އިވެންޓާ ގުޅޭގޮތުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ، އެޗްޑީސީން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުޖުތަމައަށް ވަރަށް ބޭނުންތެރި ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ އިސްނެގުމާއި ބައިވެރިވުން މުހިންމުކަން ހާމަކޮށްދިނުމާއެކު، އެންމެން ގުޅިގެން މަސައްކަތް ކުރުމުން ނެރެވޭނެ އެދެވޭ ނަތީޖާ ދެއްކުމަކީ މި ހަރަކާތުގެ މުހިންމު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއާއެކު މަދިރި އާލާވާ ތަންތަން ނައްތާލެވުމުން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އަށަގަންނުވުމަށް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްގެންދާ ސާފުކުރުމުގެ ސިލްސިލާ ހަރަކާތެކެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމުގެ އާންމު ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށްވެސް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި އެޗްޑީސީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.



