ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާ ހަރ އެކްސަލަންސީ ދުރޫޕަދީ މުރުމޫއަށާއި، އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސް ވަނީ އިންޑިޔާގެ ލީޑަރުންނާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ދިމިޤްރާތީ ބަދަހިކަމާއި އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޞުލްޙަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރުވެސް، އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.
ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސް ވަނީ އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ޝުއޫރުތައް ތަކުރާރު ކުރައްވަމުން، މިނިވަންކަމުގެ ދިގު މާޒީ ރަމްޒުކޮށްދެނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި، ސާބިތުކަމާއި، ނުގުޑާފަދަ ޤައުމީ ރޫހުކަން ފާހަގަކުރައްވައިފައެވެ.



