އެމްޑަބްލިއުއެސްސީ އަށް ނިމިގެންދިޔަ 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.7 މިލިއަން ރުފިޔާ ލިބިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އެ ކުންފުނީގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ. އެ މާލީ ބަޔާނުގައިވާ ގޮތުން 2025 ވަނަ އަހަރު އެމްޑަބްލިއުއެސްސީއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 820.9 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މީގެއިތުރުން އިދާރީ ހަރަދުތަކުގެ ގޮތުގައި 365.1 މިލިއަން ރުފިޔާ ހޭދަވިއިރު، ކުންފުނީގެ ޖުމްލަ ފައިދާއަކީ 553.1 މިލިއަން ރުފިޔާއެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން އެމްޑަބްލިއުއެސްސީގެ ފައިދާގެ ގޮތުގައި 172.4 މިލިއަން ރުފިޔާ ދެއްކި ނަމަވެސް، ޓެކްސް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 145.7 މިލިއަން ރުފިޔާއެވެ. ނަމަވެސް އެމްޑަބްލިއުއެސްސީ ގްރޫޕް ކުންފުންޏަށް ބަލާއިރު މުޅި ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 187.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރު އެކުންފުންޏަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 226 މިލިއަން ރުފިޔާ ލިބިފައިވެއެވެ.



