ސިނަމާލެ ބްރިޖާއި ހައިވޭ މަތީގައި ދުއްވާފައިދާއިރު، ވިއްސާރަކޯޓު ލުމަށާއި ފޯނު ނެގުމަށް މަޑުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުން މިކަމަށް އިލްތިމާސްކުރެއްވީ ހައިވޭ މަތީގައި ވިއްސާރަކޯޓު ލުމަށް ގިނަ އަދަދެއްގެ ބަޔަކު ސައިކަލުތައް މަޑުކޮށްގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމަށްފަހުއެވެ. އެގޮތަށް މަގުމައްޗަށް މަޑުކުރުމުގެ ސަބަބުން ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް މީގެ ކުރިންވެސް ހިނގާފައިވާތީ، އެންމެހައި އާންމުންގެ ރައްކާތެރިކަމަށްޓަކައި އެފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާއިރު، މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ލަފާކުރާ ގޮތުގައި މާދަމާގެ ނިޔަލަށް މި ވިއްސާރަ ދެމިގެންދާނެއެވެ. ވިއްސާރަ މޫސުންތަކުގައި ބްރިޖު މައްޗަށް އުދައެރުމާއި، ވައިގަދަވުމުގެ އިތުރުން ވާރޭވެހުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވާކަން ފާހަގަކޮށްލެވެއެވެ.



