ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިތުރު އަށެއް ދާއިރާއެއްގެ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ. މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިހަވަންދޫ، ނައިފަރު، ފޮނަދޫ، މީދޫ، ވިލިމާލެ، މައްޗަންގޮޅި ދެކުނު، މާމިގިލި އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ. މީގެ ކުރިންވެސް ހުޅުމާލެ އުތުރު، ހުޅުދޫ، ހޯރަފުށި، ހުޅުމާލެ މެދު، މާފަންނު ދެކުނު، އުނގޫފާރު، ކެލާ އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ހުޅުވާލާފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ރައީސް އޮފީހުގެ ހާއްސަ ޕޯޓަލް rayyithungeadu.presidency.gov.mv މެދުވެރިކޮށް ނަން ނޯޓުކުރަންޖެހެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި، ކޮންމެ ބައިވެރިއަކަށްވެސް ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ބައްދަލުވުމަށް ހާޒިރުވާ މީހާއާއެކު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި، އަދި މަންމަ ނުވަތަ ބައްޕަ ބައިވެރިކުރެވޭނެއެވެ. މި ބައްދަލުވުންތަކުގައި އަމިއްލަ ކަންކަމާއި، ވަޒީފާ އަދި އިދާރާތަކާ ގުޅުންހުރި ކަންކަމުގެ އިތުރުން މުޅި އިޖުތިމާއީ މަސްލަހަތު އެކުލެވޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު އޮތްނަމަވެސް، އެންމެހައި ބައިވެރިންވެސް އަދަބުވެރިކަމާއެކު އުޅުމަށާއި، ބިރުދެއްކުމާއި ހުތުރު ބަހުން މުއާމަލާތްކުރުން ފަދަ ކަންކަން ނުކުރުމަށް އުސޫލުގައި ވަނީ އަންގާފައެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސް މުޢިއްޒު އިއުލާނު ކުރެއްވި މި އިނިޝިއޭޓިވްއަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެއްޓެވި ހަރަކާތެކެވެ. މީގެ ކުރިންވެސް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ކައުންސިލްތަކާ ބައްދަލުކުރައްވައި ރައްޔިތުންގެ އަޑު އައްސަވާފައިވާ އިރު، މި ބައްދަލުވުންތައް ބޭއްވޭނެ ތާރީޚާއި ވަގުތު ނަން ނޯޓުކުރާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.



