ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން، ޖަޕާނުގެ ހޮކައިޑޯ އައިލެންޑް ކައިރީގައިވާ ކުރިލް ރަށްތަކުގެ އެންމެ ކޮޅަށް އޮންނަ ރަށަށް ފުރަތަމަ ފަހަރަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން ޖަޕާނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިހުތިޖާޖުކޮށްފިއެވެ. އިޓުރުޕް އަކީ ޖަޕާނުންވެސް މިލްކުވެރިކަމަށް ދައުވާކުރާ ރަށެކެވެ. ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޕުޓިން މި ސަރަހައްދަށް އަމިއްލަފުޅަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތް ކުރައްވާފައިވަނީ ރަޝިޔާގެ އުތުރުއިރުމަތީގައި ކުރިއަށްދިޔަ ބޮޑު ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބައްލަވާލެއްވުމަށްފަހުގައެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމުނު ނަމަވެސް، މޮސްކޯއާއި ޓޯކިޔޯއާ ދެމެދު ރަސްމީ ޞުލްޙައިގެ އެއްބަސްވުމެއްގައި ދެގައުމުން ދުވަހަކުވެސް ސޮއިކޮށްފައެއް ނުވެއެވެ. އެއީ ޖަޕާނުން "ނޯދަން ޓެރިޓަރީޒް" ގެ ނަމުން ނަންދީފައިވާ މި ރަށްތަކުގެ މިލްކުވެރިކަމާމެދު އުފެދިފައިވާ މައްސަލައަށް ޙައްލެއް ލިބިފައިނުވާތީއެވެ. ޓާސް ނިއުސް އޭޖެންސީން ބުނި ގޮތުގައި، މި ޒިޔާރަތުގައި ޕުޓިން ވަނީ އިޓުރުޕްގައި ހުންނަ "ޔާސްނީ" މަސް ބަންދުކުރާ ކާރުޚާނާއަށް ވަޑައިގެން، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރު ތޮޝިމިޓްސޫ މޮޓޭގީ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ރައީސް ޕުޓިންގެ މި ޒިޔާރަތާ ދެކޮޅަށް ނުރުހުން ފާޅުކުރައްވާފައެވެ. މޮޓޭގީ ވިދާޅުވީ، "އެޓޮރޯފު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދުތަކަކީ ތާރީޚީ ގޮތުންނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަލާއިރުވެސް ޖަޕާނުގެ އަމިއްލަ ސަރަހައްދެއް. ޖަޕާނުން މި ޒިޔާރަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން" މިފަދައިންނެވެ.
ވެސްޓީ ޓީވީން އާންމުކުރި މަންޒަރުތަކުން ފެންނަ ގޮތުގައި، ޕުޓިން ވަނީ ކާރުޚާނާގައި ހުރި ބޮޑެތި ކަންނެލި އަދި ހެލިބަޓް މަސްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެތަނުގެ އުފެއްދުމެއް ކަމަށްވާ މަސްބިސް (ރޯ) ގެ ރަހަވެސް ބައްލަވާލެއްވިއެވެ. އާންމުންގެ ގްރޫޕަކާ މުޚާޠަބުކުރައްވައި ރީތި މޫސުމެއް ކަމަށާއި ރިސޯޓެއް ކަހަލަ ކަމަށް ޕުޓިން ވިދާޅުވުމުން، އެތަނުގައި ހުރި އަންހެނަކު ވަނީ ސަމާސާ ރައްދުގައި އެއީ ޕުޓިން އިންތިޒާމުކުރެއްވި މޫސުމެއް ކަމަށް ހީކުރެވުނު ކަމަށް ބުނެފައެވެ.
މި ޒިޔާރަތް މި ކުރެއްވީ ސިއޯލް އަދި ވޮޝިންގްޓަން ގުޅިގެން ބޮޑު އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށެވެ. އަދި ރަޝިޔާގެ ބައިވެރިއެއް ކަމަށްވާ އުތުރު ކޮރެއާއިން ކޮރެއަން ޕެނިންސުލާގެ އިރުމަތީ ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލެއް ފޮނުވާލިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށްވުމުން، މި ސަރަހައްދުގެ ސިޔާސީ އަދި އަސްކަރީ މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.



