ގަލްފު ހަނގުރާމަ ދާއިމީކޮށް ނިންމާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އީރާނާއި އެމެރިކާއާ ދެމެދު އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަން އީރާނުގެ މަތީ ފަންތީގެ މަސްދަރަކުން މައުލޫމާތު ދީފިއެވެ. އަދި ޖޫން މަހު އެކުލަވާލެވުނު ވަގުތީ އެއްބަސްވުން އިޔާދަކުރުމަށާއި، އެ އެއްބަސްވުން ތަންފީޒުކުރާނެ ސުންގަޑިއެއް ކަނޑައެޅުމަށް ކުރެވޭ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށްވެސް އެ މަސްދަރުން ވަނީ ބުނެފައެވެ.
މި ވާހަކަތައް ދައްކާފައި މިވަނީ، އަންގާރަ ދުވަހު އެ ސަރަހައްދުގެ އުޅަނދުފަހަރަށް އަލުން ދޭންފެށި ހަމަލާތަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ވެރިންނަށް އަމާޒުކުރައްވައި އަނެއްކާވެސް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޖޫން މަހު އެއްބަސްވި އެއްބަސްވުމުގައި ހުރިހާ ފަރާތަކުންވެސް އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އިޢުލާނު ކުރި ނަމަވެސް، އެ އެއްބަސްވުން ވަނީ މާ ގިނައިރުތަކެއް ނުވެ ރޫޅިގެން ގޮސްފައެވެ. އެގޮތުން ޖުލައި 7 ގައި ޓްރަމްޕް ވަނީ އެ އެއްބަސްވުން ނިމުނީ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ހަފުތާއެއް ފަހުން އީރާނުގެ ހާރިޖީ ވުޒާރާއިންވަނީ އެ އެއްބަސްވުން ސަސްޕެންޑް ކުރެވިފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
އެމެރިކާއިން އީރާނުގެ މައްޗަށް ތުހުމަތުކުރަނީ، މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ ނިޔާމަކަން އަލުން ހުޅުވާލުމަށް އެއްބަސްވުމުގެ ދަށުން ވެފައިވާ އިގުރާރަށް އީރާނުން ހުރުމަތްތެރިކޮށް ހިތާފައިނުވާ ކަމަށެވެ. ނަމަވެސް ތެހެރާނުން ބުނަނީ ވޮޝިންޓަނުން ވަނީ އެމީހުންގެ ވައުދުތަކާ ހިލާފުވެފައި ކަމަށެވެ. އޭގެ ތެރޭގައި އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން އުވާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ މާލީ ވަސީލަތްތައް ދޫކޮށްލުން ހިމެނެއެވެ. "މެދުވެރިން މެދުވެރިކޮށް މަޝްވަރާ ކުރެވެމުންދާ އެއް މައްސަލައަކީ އެމެރިކާއިން އަލުން ވަގުތީ އެއްބަސްވުމަށް އައުމާއި، ވައުދުތައް ތަންފީޒުކުރުމަށް ސުންގަޑިއެއް ކަނޑައެޅުން. މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވޭ،" އީރާނުގެ މަސްދަރުން ބުންޏެވެ. އޭގެ އިތުރުން، ބުދަ ދުވަހު ޓްރަމްޕް ވަނީ ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ ޓްރުތް ސޯޝަލް ޕްލެޓްފޯމްގައި "އީރާނަކީ ހަމައެކަނި ވާހަކަ ދައްކާ، އަމަލީ ގޮތުން ކަމެއް ނުކުރެވޭ ބައެއް" ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެ ރައްދުގައި، އެ ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އުފައްދާފައިވާ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނީ، އެ ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކުރެވިފައި ކަމަށާއި، އީރާނުގެ ޝަރުތުތައް ގަބޫލުކުރުމާ ހަމައަށް އެތަން އަލުން ނުހުޅުވާނެ ކަމަށެވެ. ޖޫން މަހުގެ ވަގުތީ އެއްބަސްވުމުގެ 60 ދުވަހުގެ މުއްދަތު އިތުރުކުރަން އެއްބަސްވެވުނު ކަމަށް ތުރުކީގެ އަނަޑޯލޫ ނިއުސް އޭޖެންސީން ފެތުރި ރިޕޯޓް އީރާނުން ދޮގުކުރަމުން ބުނީ، މުއްދަތު އިތުރުކުރުމުގެ އެއްވެސް ވާހަކައެއް ނެތް ކަމަށާއި، އެމެރިކާއިން ވަނީ އެއްބަސްވުމަށް އާދެވުނުތާ 48 ގަޑިއިރު ތެރޭގައި އެއާ ހިލާފުވެފައި ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފެށިފަހުން، މި ހަނގުރާމައިގައި އީރާނާއި ލުބުނާނުން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި އޯމާން، ޖޯޑަން، ކުވޭތު، އިސްރާއީލް، އަރަބި އެމިރޭޓްސް އަދި ސައޫދީ އަރަބިއްޔާގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް އީރާނުން ހަމަލާދީފައިވާއިރު، މަޝްރަހު ގޯސްވުމުގެ ސަބަބުން ސަރަހައްދީ ތެލުގެ އަގުތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.



