މާލޭގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ވިޔަފާރި އުޞޫލުން މަސްކެއްކުމާއި، ރިހާކުރު ހެދުމުގެ އިތުރުން މުގުރި މިރުހާއި ހަވާދު ތައްޔާރުކުރާ ފަރާތްތަކަށް ޚާއްޞަ ޒޯނެއް ކަނޑައަޅައި، އެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ މެދު މާލެ ސިޓީ ކައުންސިލުން ދިރާސާ ކުރަން ފަށައިފިއެވެ.
މިކަން ދިރާސާކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ވަނީ، ގަލޮޅުގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ ކުރަމުންދާ މި މަސައްކަތްތަކުގެ ސަބަބުން، ސަރަހައްދު ތަރައްގީވެ ބޮޑެތި އިމާރާތްތައް އުފެދެމުންދާއިރު އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ހަނި ގޯޅިތަކުގެ ތެރޭގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މިހާރު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އާންމުންނަށް ދަތިނުވާނެ ގޮތަކަށް އެ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ހުރި ނަމަވެސް، މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރުކާރުން ނަގާފައިވާ ކަމަށެވެ. އަދި ތިލަމާލެ ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ބޭނުންކުރާތީ އެތަނުގެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރައްވަމުން، ތިލަފުއްޓަކީވެސް މިފަދަ ކަންކަމަށް ބޭނުންކުރެވިދާނެ ތަނެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.



