Thursday, October 15
ނަކަލުކޮށްފައިވާ ކެންސަރު އިންޖެކްޝަނެއް ރާއްޖެއަށް އެތެރެކުރުމުން އެމްއެފްޑީއޭއިން މަނާކޮށްފި

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުވުމާ ގުޅިގެން، އެ ބެޗުގެ ބޭސް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނެފައިވަނީ، ނަކަލުކޮށްގެން ހަދާފައިވާކަން ކަށަވަރުވެފައިވަނީ ކެންސަރުގެ ފަރުވާގައި ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑްގެ "ނައިވޮލިޔުމަބް" ނަމަކަށް ކިޔާ އިންޖެކްޝަނެކެވެ. އެހެންކަމުން އެ ބްރޭންޑުގެ އެ ކަނޑައެޅިފައިވާ ބެޗު ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާއިރު، އިތުރު މައުލޫމާތު އެ އޮތޯރިޓީން ލިބޭނެކަމަށް ވަނީ ބުނެފައެވެ.

ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަދީފައިވާ "އެސެންޝިއަލް މެޑިކަލް ލިސްޓު" ގައި ނުހިމެނޭ ބައެއް ބޭސްތައް، އާންމުން ރާއްޖެއިން ބޭރުން އަންނައިރު އަމިއްލަ ބޭނުމަށް އެތެރެކުރާކަން ފާހަގަކުރެވޭތީ، އެފަދަ ބޭސްތަކުގެ ކޮލިޓީއާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހުވެސް ކެންސަރުގެ ފަރުވާއަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިގެން، އެކަން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ ގެ ސަމާލުކަމަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު