އެން އާލާކޮށް މަސްވެރިންނަށް އެން ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ގއ. މާނަގަލާ އަންނަ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެން ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި އެން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވޭނީ މާނަގަލާ މަރުކަޒު ކަމަށާއި، ކުރިން ކަނޑައެޅި ތާރީޚުތަކަށް މަސައްކަތް ނުނިމުނު ނަމަވެސް، މި އަހަރުގެ ޑިސެމްބަރަށް އެ ރަށް އޮޕަރޭޝަނަށް ގެނައުމަށް އަމާޒުހިފާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެން އާލާކުރުމުގެ ތަހުލީލުތައް ކުރިއަށްދާ ދެވަނަ ރަށަކީ ކ. މަނިޔަފުށި ކަމަށާއި، ފާއިތުވި އަށް މަސްދުވަހު އެ ރަށުގެ ބޭރުގައި ކުރެވުނު ތަހުލީލުތައް ކާމިޔާބު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަނިޔަފުށީގެ ތަޖުރިބާއަށް ބަލައި، އުތުރުގެ ސަރަހައްދެއްގައިވެސް އެން ފޯރުކޮށްދޭނެ ސެންޓަރެއް ގާއިމުކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކުން އެންވެރިކަމަށް ކުރާ އަސަރާ މެދު މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތައް ހިންގަނީ އީއައިއޭ ހަދައިގެން ކަމަށާއި، އެންދަމާ ސަރަހައްދުތަކާ ކައިރީގައި މަސައްކަތް ކުރާއިރު ފިޝަރީޒް މިނިސްޓްރީގެ މަޝްވަރާ ހޯދާ ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުން ކަނޑުގެ އީކޯ ސިސްޓަމަށް އަސަރުކުރާނެކަން ގަބޫލުކުރެއްވި ނަމަވެސް، ކަންބޮޑުވުންތައް ހިއްސާކުރުމުން ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



