މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ކުރިއަށް އޮތް ތިން ހަފުތާއަށް އިތުރުކުރުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް އިންވެސް ކަސްޓަމަރުންގެ ޓެލެގްރެފިކް ޓްރާންސްފާ ނުވަތަ ޓީޓީ ތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން ނިންމައިފިއެވެ.
ބޭރު ފައިސާގެ ބާޒާރަށް ލުޔެއް ހޯދައިދީ އިމްޕޯޓް ކުރާ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރު 51 އިންސައްތައަށް އިތުރުކުރަން އެމްއެމްއޭ އިން ވަނީ ނިންމާފައެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ފަތުރުވެރިކަމަށް އައި މަޑުޖެހުމުގެ ސަބަބުން، ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު ވަނީ ދަށްވެފައެވެ. މީގެ ކުރިންވެސް ރޯދަމަހާ ދިމާކޮށް 32 އިންސައްތަ އަދި ޖޫން މަހު 26 އިންސައްތައަށް އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް ޓީޓީ ފޮނުވުމަށް 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ މަހަކު އެވްރެޖްކޮށް 27 މިލިއަން ޑޮލަރަށްވާއިރު، މިއީ މިދިޔަ އަހަރަށްވުރެ މަހަކު 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މީގެ އިތުރުން، ފާއިތުވި ހަތް މަސްދުވަހު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ޖުމްލަ 570 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ބޭންކުން ފާހަގަކުރެއެވެ.
ބީއެމްއެލްއިން ވަނީ އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ބޭންކުގެ ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް އިސްކަންދޭނެ ކަމަށް ބުނެފައެވެ.



