Thursday, October 15
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ރާއްޖެއަށް ބޭނުންވާ ކަރަންޓާއި ފެން މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ދޫކުރި މި ލޯނާ ގުޅޭގޮތުން އޭޑީބީން ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުން ތެޔޮ އިމްޕޯޓުކުރުމަށް ސަރުކާރަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

މި ލޯނު އެހީގެ ބޭނުންކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ:

  • ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުން
  • ކާބޯތަކެއްޗާއި ސިއްޙީ ތަކެތި އުފުލުމުގެ ލޮޖިސްޓިކްސް މަސައްކަތްތައް
  • އަތޮޅުތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ ޚިދުމަތްތައް
  • ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް

ރާއްޖެއަކީ އިމްޕޯޓުކުރާ ތެލަށް މުޅިންހެން ބަރޯސާވާ ޤައުމަކަށްވާއިރު، ކަރަންޓު އުފެއްދުމުގެ 94 އިންސައްތަ ހިއްސާކުރަނީ ޑީސަލެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ދުވާލަކު 8،000 ފީފާ ޑީސަލް ބޭނުންވާއިރު، މިދިޔަ އަހަރު ތެޔޮ ގަތުމަށް އެކަނިވެސް 10 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތެޔޮ އިމްޕޯޓުކުރުމަށް މަހަކު ކުރާ ހަރަދު ކުރިން 50 މިލިއަން ޑޮލަރުގައި ހުރިނަމަވެސް، ފަހުން ވަނީ 116 މިލިއަން ޑޮލަރަށް އަރާފައެވެ.

މިދިޔަ މެއި މަހު ވޯލްޑް ބޭންކުންވެސް ވަނީ ތެޔޮ އެތެރެކުރުމަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފައެވެ. އޭޑީބީގެ 50 މިލިއަން ޑޮލަރާއެކު، މި ދެ ބޭންކު ގުޅިގެން ރާއްޖެއަށް ދިން މާލީ އެހީގެ މިންވަރު މިހާރު ވަނީ 90 މިލިއަން ޑޮލަރަށް އަރާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު