ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރު ނިންމައި، ސެމީ ފައިނަލަށް ހޮވުނު ބައިވެރިން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިޢުލާނުކޮށްފިއެވެ.
މި އަހަރުގެ ޖޫން 4 އިން ޖުލައި 15 އަށް މާލޭގެ އިތުރުން ރާއްޖޭގެ 22 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އޮޑިޝަން ބުރުގައި ބައިވެރިވުމަށް 3,050 މީހުން ރަޖިސްޓްރީކުރިއެވެ. އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2,742 ބައިވެރިންނެވެ. މުބާރާތުގެ ސެމީ ފައިނަލަށް ކަށަވަރުވެފައިވަނީ އޮޑިޝަންގައި ވާދަކުރި ބައިވެރިންގެ ތެރެއިން 379 ބައިވެރިންނެވެ.
އޮޑިޝަން ބުރާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 16 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ސެމީ ފައިނަލަށް ހޮވުނު 379 ބައިވެރިންގެ ދާއިމީ ލިސްޓު ކުރިއަށް އޮތް ހަފްތާގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އާންމުކުރާނެއެވެ.
މީގެ ކުރީގެ މުބާރާތްތަކާ ޚިލާފަށް، މި އަހަރުގެ މުބާރާތަކީ ވަކި މުއައްސަސާއެއް ތަމްސީލުކުރުމުގެ ބަދަލުގައި، ބޭނުންވާ ކޮންމެ ފަރުދަކަށްވެސް އަމިއްލަ ގޮތުން ބައިވެރިވެވޭ ގޮތަށް ބޭއްވި ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބެހިގެންވަނީ އޮޑިޝަން ބުރާއި، ސެމީ ފައިނަލް އަދި ފައިނަލް ބުރަށެވެ.
މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ކިޔެވުން މާލޭގައި ކުރިއަށްދާނީ 10 ސެޕްޓެމްބަރު 2026 އިން 19 ސެޕްޓެމްބަރު 2026 އަށެވެ.



