ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނުގައި ވަނީ މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، އޮގަސްޓު 13 ވަނަ ދުވަހުގެ 11:30 ގެ ކުރިން މާލިއްޔަތު ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލިހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދިފައެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްޠާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު ވަނީ 57 މެންބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.
މި ބިލަކީ ބޭރު ފައިސާ ބޭންކަށް ޖަމާކުރުމާއި މާރުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. މީގެ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ބޭރު ފައިސާ ޖަމާކުރުން ލާޒިމުވާ އާމްދަނީގެ މިންވަރު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ވިޔަފާރިތަކުން ލިބޭ އާމްދަނީގެ %20 ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ކަނޑައެޅުން ހިމެނެއެވެ.
އަދި ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކަށް މިކަމުގައި ލުއިތަކެއް ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.



