ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އެ މަސައްކަތްތައް ނިންމުމަށްޓަކައި މި ހިނގާ ދައުރުގެ މުއްދަތު މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ދައުރު އިތުރުކުރުމަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދައުރު ފެބުރުވަރީ 1 އިން މެއި 15 އަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދަނީ ޖޫން 1 އިން އޮގަސްޓު 15 ގެ ނިޔަލަށެވެ. އަދި އަހަރުގެ ފަހު ދައުރު ނުވަތަ ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު 1 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ގަވާއިދުގައިވާ ގޮތުގެ މަތިން މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހަށް ނިންމަންޖެހުނު ނަމަވެސް، މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު ބިލުތަކާއި އެހެނިހެން މަސައްކަތްތައް ނުނިމި ހުރުމުން، ދައުރުގެ މުއްދަތު އިތުރުކުރުމަށް މެންބަރުން މިވަނީ ނިންމަވާފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދައުރެއްގެ މުއްދަތު އިތުރުކުރެވޭނީ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އެގޮތަށް ފާސްވެގެންނެވެ.
މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލުތަކުގެ މަސައްކަތް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.



