Wednesday, October 7
މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވައިލެއްވީ، "މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެން.އެމް.އެޗް.ޑީ)އާއި، ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) އަދި ޑަބްލިއު.އެޗް.އޯ މޯލްޑިވްސް ގުޅިގެން، ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި 2021 ވަނަ އަހަރުގެ ސްޓެޕްސް ސާރވޭ ބުނާގޮތުން، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ގޮވާލެއްވިއެވެ.

އަދި މި މަހާސިންތާގެ ތެރެއިން، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ، އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާ، ހުރިހާ މުވައްޒަފުންނަށް އިޙްތިރާމްކޮށް، އެކުވެރި މާހައުލެއް ޤާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް އެކަމަނާ އެދިވަޑައިގަތެވެ.

"މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތުގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްގެ އިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ އިސްވެރިންނާއި މުވައްޒަފުން، އަދި ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު