މީހުން ޓްރެފިކް ކުރުމާއި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން (މައިގްރަންޓް ސްމަގްލިން) ހުއްޓުވުމަށް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ހިންގާ ތަމްރީނު ޕްރޮގްރާމްގެ ދެ ވަނަ ބުރު ނިންމާލައިފިއެވެ.
މި މަހުގެ 9 އިން 11 އަށް ހުޅުމާލޭގެ ސަމާން ހޯސްޓްގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ހާއްސަކޮށްފައިވަނީ "ފަސްޓް ރެސްޕޮންޑާސް" ގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.
މި ތަމްރީނުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 8 މުވައްޒަފުންނާއި ހުޅުމާލެ ހޮސްޕިޓަލާއި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ސޯޝަލް ފެމިލީ އެންޑް ޑިވެލޮޕްމަންޓުގެ މެންޓަލް ހެލްތުގެ މުވައްޒަފުން ބައިވެރިވިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދުގައި ހިންގާ "ޕްރިވެންޓިންގ އެންޑް އެޑްރެސިންގ ޓްރެފިކިންގ އިން ޕަރސަންސް އެންޑް ސްމަގްލިންގ އޮފް މައިގްރަންޓްސް އިން ސައުތު އޭޝިއާ" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.
ޔޫއެންއޯޑީސީގެ ލޯ އެންފޯސްމަންޓް އެޑްވައިޒަރު މާކަސް ޕައެސް ވިދާޅުވީ، އިންސާނީ ވަގުފާރިއަކީ ކޮންމެ ސިފައެއްގައި ކުރި ނަމަވެސް، ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް މަނާ، ޣައިރުގާނޫނީ އަމަލެއް ކަމަށާއި މިފަދަ ހާލަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް (ފަސްޓް ރެސްޕޮންޑާސް)، މިކަން ރަނގަޅަށް ފަހުމުވުމަކީ މަސައްކަތުގެ ނަތީޖާ އެތައް ގުނައަކަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށެވެ.
"ކޮންމެ ހަރަކާތެއް ހިންގުމުގައިވެސް އަނިޔާ ލިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި، ކަރާމާތާއި، ހައްގުތައް އެންމެ އިސްކަންދޭ ކަންކަމުގެ ގޮތުގައި ދެމެހެއްޓޭނެ"، އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ މި ތަމްރީނުގައި ޔޫއެންއޯޑީސީގެ މާހިރުން މައުލޫމާތު ދެއްވިއިރު، އަމަލީ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނުތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މިއީ މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.



