ޒުވާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ރައީސް ވިދާޅުވީ ޒުވާނުންގެ އުފެއްދުންތެރިކަމާއި، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި، އަދި ސާބިތުކަމަކީ ރާއްޖޭގެ މުޖުތަމަޢުތަކާއި މުޅި ޤައުމު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިފަތަކެއް ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ޒުވާނުންގެ އުންމީދުތަކާއި ތަޞައްވުރުތަކަކީ ޤައުމުގެ މުސްތަޤުބަލުގެ މައިގަނޑު އަސާސް ކަމަށެވެ. އަދި މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި، ހުނަރު ތަރައްޤީކުރުމާއި، އަދި މާނަހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދޭ ސަމާލުކަން ދަމަހައްޓާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ވަޒީފާގެ މައިދާނަށް ޒުވާނުން ނުކުތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް' އާއި 'ނޭޝަނަލް ސާވިސް ޕްރޮގްރާމް' ފަދަ މަޝްރޫޢުތަކަކީ ޒުވާނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޒުވާނުންގެ އަތްމަތީގައި ރާއްޖޭގެ މިއަދާއި މާދަމާ އޮތީ އަމާންކަމާއެކުގައެވެ. އަދި ޒުވާނުންގެ މަސައްކަތުން ރާއްޖެއަށް ފާގަތިކަމާއި، ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްޤީ ލިބޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެ، ރައީސް ވަނީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.



