Friday, October 16
މައިންބަފައިންގެ ނުކުޅެދުންތެރިކަމަކީ ކުއްޖަކު ދައުލަތަށް ނަގާނެ ސަބަބެއް ނޫން: ހެލްތް މިނިސްޓްރީ
ސޯޝަލް މީޑިއާގައި ފެތުރެމުންދާ އަޑުތަކާ ގުޅިގެން ހެލްތު، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި، މައިމީހާގެ ނުކުޅެދުންތެރިކަމެއް ހުރުމަކީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާނެ ސަބަބެއް ނޫންކަން ހާމަކުރައްވައިފިއެވެ. މައިމީހާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ތުއްތު ކުއްޖަކު އާއިލާއާ ވަކިކުރިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެ މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނާ ގުޅޭ ކޮންމެ މައްސަލައެއްގައިވެސް ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެކުއްޖެއްގެ ރައްކާތެރިކަމާއި މަސްލަޙަތަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުދިންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ދައުލަތަށް ޤާނޫނީ ގޮތުން ލާޒިމުކުރާ ކަމެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.

ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެންމެ ފަހުގެ، އަދި ވަގުތީ ފިޔަވަޅެއްކަން ބަޔާނުގައި ވެއެވެ. އެގޮތުން، ކުއްޖާ ދައުލަތަށް ނެގުމުގެ ކުރިން މައިންބަފައިންގެ ކައިރީގައި ބަހައްޓައިގެން ކުއްޖާގެ ޙައްޤުތައް ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެއެވެ. އަދި އެކަން ނުވާ ހާލަތެއްގައި، އާއިލާގެ އެހެން މެންބަރެއްގެ ފަރާތުން ރައްކާތެރިކަން ލިބެން ހުރިތޯ ބަލައި، އެފަދަ ފަރާތަކާ ކުއްޖާ ހަވާލުކުރަން އިސްކަންދޭނެކަމަށާއި، ދައުލަތަށް ކުއްޖާ ނަގާނީ އާއިލާގެ ތެރެއިން އެއްވެސް ގޮތަކަށް ރައްކާތެރިކަން ކަށަވަރު ނުކުރެވޭކަން ޔަގީންވާ ހާލަތްތަކުގައި އެކަނިކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް، ކަން ހިނގާފައިވާ ގޮތް ނުބަލައި ދޮގު ޚަބަރުތައް ނުފެތުރުމަށް މިނިސްޓްރީން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. ސަބަބަކީ، މިފަދަ ވާހަކަތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އިތުރު ހިތްދަތިކަމާއި ނިކަމެތިކަމާ ކުރިމަތިލާންޖެހިދާނެތީކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު