ރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" ރާއްޖެއިން ބޭރުކުރެވޭ މިންވަރު ކަނޑައަޅައި، ހުއިފިލަނޑާ ޕްރޮސެސްކުރާ ފަރާތްތަކަށް ކޯޓާއެއް ކަނޑައެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކައްޗަލައަކީ އޭގެ އާބާދީ މަދުވަމުންދާތީ 2022 ވަނަ އަހަރު ބޭއްވި "ސައިޓީސް" ބައްދަލުވުމުގައި އެ މުއާހަދާގެ ދެވަނަ ޖަދުވަލުގައި ހިމަނާފައިވާ ބާވަތެކެވެ. އެ މުއާހަދާގެ ދެވަނަ ޖަދުވަލުގައިވާ ތަކެތި އެކްސްޕޯޓް ކުރެވޭނީ ސައިންޓިފިކް އޮތޯރިޓީން ހަދާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިން" ރިޕޯޓަށް ބަލައި، އެކަމުން ތިމާވެއްޓަށާއި އާބާދީއަށް ގެއްލުން ނުވާނެކަން ކަނޑައެޅުމަށްފަހު ދޫކުރާ ޚާއްސަ ހުއްދައަކާއެކުގައެވެ.
ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އިން މިހާރު ވަނީ ކައްޗަލައިގެ އެންޑީއެފް ރިޕޯޓް ތައްޔާރުކޮށް، އެކްސްޕޯޓް ކުރެވޭނެ މިންވަރު ކަނޑައަޅާފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ހުއިފިލަނޑާ ޕްރޮސެސިން ލައިސަންސް އޮތް ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާލާނެ މިންގަނޑު އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެހެންކަމުން، ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނަގާފައިނުވާ ފަރާތްތަކުން މިމަހުގެ 20 ގެ ކުރިން މިނިސްޓްރީގެ "ކެޔޮޅު" ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނެގުމަށް އިލްތިމާސްކޮށްފައިވެއެވެ. އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 3322625 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.



