މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ކުންފުންޏާއި ފިއުލް ސަޕްލައި މޯލްޑިވްސް އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާންއެވެ.
މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ހުންނަ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދުން ފެށިގެން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ދޫކުރާނެއެވެ. އެގޮތުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ތެޔޮ އެޅޭނެއެވެ. އަދި ތެލުގެ ބިލަށްވާ ފައިސާ، މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ދޭ ޕޭމަންޓުގެ ތެރެއިން އުނިކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހެދުމަކީ މަސްވެރިންގެ ބޮޑު އެދުމަކަށްވާއިރު، މިއީ މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ވެވަޑައިގެންނެވި ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ގެނެވުނު މި ބަދަލުގެ ސަބަބުން، މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



