އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ 299 ވަނަ ސެޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގަންނަވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، 2026 ޖުލައި 10 އިން ސެޕްޓެމްބަރު 17 އަށް އެމެރިކާގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރައްވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއުއެވެ.
10 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމަކީ އެމެރިކާއާއި ބައިނަލްއަގުވާމީ ޤައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންގެ ފެންވަރު މަތިކޮށް، ތަހުގީގީ އަދި ހިންގުމުގެ ދާއިރާއިން އިތުރު ގާބިލުކަން ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޯހެއްކަން ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއްވިއެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި، މި ކޯހުގެ ތެރެއިން ގާނޫނީ ދާއިރާއާއި، ސައިކޮލޮޖީ އަދި ބިހޭވިއަރަލް ސައިންސް، ފޮރެންސިކް ސައިންސް، ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ދުޅަހެޔޮ ސިއްހަތާ ގުޅޭ ތަފާތު މާއްދާތައް އުނގަންނައިދެވޭނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ މަތީ ފެންވަރުގެ ތަމްރީނުތަކުގައި ބައިވެރިވުމަކީ ފުލުހުންގެ އިސް އޮފިސަރުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކޮށް، ގާނޫނު ތަންފީޒުކުރުމުގެ މިންގަނޑުތައް ބައިނަލްއަގުވާމީ ފެންވަރަށް މަތިކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ.



