މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން 23 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. ކުޑަހުވަދޫ، ރަނަކުރި، މިފްޒާލު މުޙައްމަދު (23އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ހައްޔަރުކުރީ އޮގަސްޓު 10 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި ފްލެޓް ސަރަހައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން މަޑުކުރުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިންކޮޅެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



