ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ނަމާއި ނިޝާން ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އާންމުންނަށް އޮޅުވާލުމަށް ހިންގަމުންދާ ފޭސްބުކް ޕޭޖަކަށް ސަމާލުވުމަށް އެ އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ނަމާއި، ނިޝާނާއި، އަދި އެ އޮތޯރިޓީން ހުއްދަދީފައިވާ އެކި މުއައްސަސާތަކުގެ ބްރޭންޑިންގ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފޭސްބުކް ޕޭޖެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް އިންވެސްޓަރުންނާއި އާންމު ރައްޔިތުން ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، މި ފޭސްބުކް ޕޭޖަކީ ސީއެމްޑީއޭގެ ރަސްމީ ޕޭޖެއް ނޫނެވެ. އަދި އެއީ އެ އޮތޯރިޓީން ހަދާފައިވާ، ހުއްދަދީފައިވާ، ނުވަތަ ތާއީދުކޮށްގެން ހިންގާ ޕޭޖެއްވެސް ނޫނެވެ. މީގެ އިތުރުން، އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށްވެސް އެ އޮތޯރިޓީން ކަށަވަރުކޮށްދެއެވެ.
ސީއެމްޑީއޭ އިން ބުނީ އެ ޕޭޖުގައި އެ އޮތޯރިޓީގެ ނަމާއި ނިޝާން ބޭނުންކޮށްފައިވަނީ ގަސްތުގައި އާންމުންނަށް އޮޅުވާލުމަށް ކަމަށާއި، އެހެންކަމުން އެ ޕޭޖާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިފަދަ ނަހަމަ އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސީއެމްޑީއޭ އިން ބުނެފައިވެއެވެ. އަދި ކެޕިޓަލް މާކެޓާ ގުޅޭ ސައްހަ މައުލޫމާތާއި، ރަސްމީ އިއުލާންތަކާއި، ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިސްޓު ބެއްލެވުމަށް އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
ކެޕިޓަލް މާކެޓާ ގުޅުންހުރި އެއްވެސް ބާވަތެއްގެ ޝައްކުކުރެވޭ ކަމެއް ނުވަތަ މީސްމީޑިޔާ މެދުވެރިކޮށް އޮޅުވާލުމުގެ އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެނަމަ، އެކަން ލަސްނުކޮށް އެ އޮތޯރިޓީއަށް ރިޕޯޓްކުރުމަށްވެސް ސީއެމްޑީއޭ އިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.



