ސިޔާސީ ގޮތުން ފުލުހުންނާއި ސިފައިންގެ އިތުބާރު ނަގާލުމުގެ ފުރުޞަތު އޮވެގެން ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އެތަންތަނުގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ މަންފާ ހޯދުމަށްޓަކައި އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އެކަންކަމަކީ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތަސް އެތަން ތަނުގެ އިއްޒަތާއި ކަރާމާތް އަދި އަބުރު ނެގެހެއްޓެން ޖެހޭނެ ތަންތަން. އަދި ވަކިން ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާއި ދިވެހި ސިފައިންގެ ޚިދުމަތް ފަދަ ސަލާމަތީ ޚިދުމަތްތައްދޭ ދިވެހި ރައްޔިތުން އެ ޚިދުމަތަކަށް ކޮންމެ ހާލަތެއްގައިވެސް ބަލަބަލާ ތިބޭ ޚިދުމަތްތަކެއް. އެތަން ތަނުގެ ކަރާމާތާއި ރައްކާތެރިކަން އަދި ވަކިން ޚާއްސަކޮށް އެތަން ތަނަށް އޮންނަ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން"، އިޙްސާން ވިދާޅުވިއެވެ.
މި ތަންނަނަށް ޤާނޫނީ ގޮތުން އަދި ރައްކާތެރިކަން ދެވިފައި ނެތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް ދެއްވުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.



