Friday, October 16
ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުގެ ޒާތީ މަޢުލޫމާތަކީ ރައްކާކުރެވިފައިވާ މަޢުލޫމާތުތަކެއް: ވަޒީރު އިޙްސާން

ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަރަށް ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މީކާއީލު ކުރެއްވި ސުވާލުގައި ވަނީ އެޕްރީލް 23 ވަނަ ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ،ި ނިޔާވި ދަރިވަރަކު ފުލުހުންގެ ވިކްޓިމް ސަޕޯޓް ސަރވިސްއާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މެސެޖުތައް ހާމަކުރުމުގެ ޤާނޫނީ އިޚްތިޔރުާ ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވަނީ ކޮން އުސޫލަކުންތޯ އާއި، ފުލުހުން އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ހާލަތު ހުރިގޮތުން އެ މަޢުލޫމާތު ހާމަކުރަން މިނިސްޓަރަށް މަޖުބޫރުވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވުމާއެކު، ފުލުހުންނަށް ތުހުމަތުކުރެވޭ ކޮންމެ މައްސަލައެއްގައިވެސ،ް މިފަދަ ނާޒުކު ޒާތީ މަޢުލޫމާތުތައް ޢާންމުކުރުމަކީ މިނިސްޓްރީގެ ސިޔާސަތުތޯ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ޒާތީ މައުލޫމާތަކީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމަށާއި ވަކިން ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަކިން ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

"ތި އިޝާރާތް ކުރެއްވި ހާދިސާއަށް ފަހުން ރައްޔިތުންގެ މެދުގަ އަދި މީސްމީޑިއާގަ ދޮގު މައުލޫމާތު ފެތުރިގެންދިޔަ. ދޮގު މައުލޫމާތުގެ އެންމެ ބޮޑު އަސާސަކީ ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުލުހުން އެކަމަށް އަޅާނުލައި ދޫކޮށްލީ ކަމަށް ބުނެ ބޮޑެތި އިލްޒާމުތަކެއް އެޅުވިގެންދިޔަ. މިއީ ވަރަށް ބޮޑު އިލްޒާމުތަކެއް. ފުލުހުންގެ މުއައްސަސާއަކީ ކޮންމެ ރައްޔިތަކު އަބަދުމެ ޙިދުމަތަކަށް އެދޭ ރައްޔިތުންނަށް 24 ގަޑިއިރު ޚިދުމަތްދޭ މުއައްސަސާއެއް. ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކީ ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އޮންނަ މުއައްސަސާއެއް. އެ ޔަގީންކަން ގެއްލުވާލަން އެ ދުވަހު ރޭވިގެން ހަރަކާތެއް އެ ގެންދިޔައީ"، އިޙްސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ކޮންމެ ހާދިސާއެއްގެ ހެކީގެ މައުލޫމާތު ނުދީފިނަމަ އެ މައުލޫމާތެއް އޮޅުވާލާ ކަމުގެ ތުހުމަތު ކުރާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންނަމަވެސް މި ދެންނެވި ދުވަހު އަޅުގަނޑުމެންނަށް މަޖުބޫރުވި ފުލުހުންގެ ޚިދުމަތުގެ އެ ސަރވިސް، ކޮންމެކަމެއް ނޫން، ދިވެހި ފުލުހުންގެ އިތުބާރާ ގުޅޭ ކޮންމެ ކަމެއްގައި މައުލޫމާތެއް ހާމައެއްނުކުރާނެ. އެހެންނަމަވެސް މިފަދަ ނާޒުކު ހާލަތްތަކުގައި ދިވެހި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭކަމަކަށްވާތީ އަޅުގަނޑުމެންނަށް މަޖުބޫރު އެ ޚިދުމަތުގެ އަގު ހިފަހައްޓަން. އެހެންނަމަވެސް ކުރިއަށްއޮތްތާގައި މިފަދަ ހާލާތްތަކުގައި ރައްޔިތުންގެ މައުލޫމާތު މިގޮތަށް ހާމަކުރަންޖެހޭ މިންގަޑަށް ހާމަކުރާއިރުވެސް ވަރަށް ކޯޝަން އިސްކުރާނަން"، ވަޒީރު ވިދާޅުވިއެވެ.

ޑޭޓާ ޕްރައިވަސީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް މޭ މަހުގެ ތެރޭގައި ފަށާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ޤާނޫނު ވުޖޫދުވުމުން މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު