ނައިޖީރިއާގެ ސަރުކާރުން ތަންފީޒުކުރަން ފެށި އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކު، އެ ގައުމުގެ އާންމު ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިއްޖެއެވެ.
އާންމުންގެ ދިރިއުޅުމަށް އެންމެ ބޮޑު ލޮޅުމެއް އައިސްފައިވަނީ ސަރުކާރުން ތެލަށް ދެމުންދިޔަ ސަބްސިޑީ އުވާލުމާއި، ގައުމީ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެންނެވެ. މިއާއެކު ކާބޯތަކެއްޗާއި ދެންވެސް ބޭނުންވާ އަސާސީ ތަކެތީގެ އަގުތައް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ ދަށަށް ގޮސްފައެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ނައިޖީރިއާގެ އާބާދީގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުންދަނީ ފަގީރުކަމުގެ ހާލަތުގައެވެ.
އާންމު ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް އުފުލަންޖެހުނު ނަމަވެސް، ރައީސް ބޯލާ ޓިނޫބޫ ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، ނައިޖީރިއާގެ ސްޓޮކް މާކެޓް ވަނީ %60 އުފުލިފައެވެ.
އިގްތިސާދީ ދަތިތަކާއެކު އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވަމުންދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ހޯއްދެވުމަށްޓަކައި މިއިސްލާހުތަކުގެ ފައިދާ އާންމު ރައްޔިތުންނަށް ކުރާނެކަން ރައީސް ޓިނޫބޫއަށް ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީތައް ބައިބައިވެފައިވުމުގެ ސަބަބުން، ސިޔާސީ މައިދާނުގައި ސަރުކާރަށް އޮތް ފުރުސަތު އަދިވެސް ބޮޑުކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ މުހައްލިލުން ބުނެއެވެ.



