ކޮލަމްބިއާގެ ހުޅަނގު ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިއީ މި ގަރުނުގައި މިހާތަނަށް ކޮލަމްބިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 111 އަށް އަރާފައިވާއިރު، އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާތީ މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުނެއެވެ. ކޮލަމްބިއާގެ ޖިއޮލޮޖިކަލް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ 103 ކިލޯމީޓަރު (64 މޭލު) އަޑިން، އެގައުމުގެ ގަޑިން ހެނދުނު 07:34 ގައެވެ.
މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކޮލަމްބިއާގެ ކޮފީ އުފައްދާ ސަރަހައްދެއް ކަމަށްވާ ޕެރެއިރާ ސިޓީއަށެވެ. އެ ސިޓީގެ މެޓްރޯޕޮލިޓަން ސަރަހައްދުން އެކަނިވެސް 40 މީހުން މަރުވެ، 65 އިމާރާތެއް ވަނީ ވެއްޓިފައެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ތެރެއިން 15 ތަނެއްގައި މީހުން ތާށިވެފައިވާ ކަމަށް ބެލެވެއެވެ. ރެސްކިއު އޮޕަރޭޝަންތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި މިއަދު ހަވީރު 05:00 އާ ހަމައަށް ކާފިއު އިއުލާނުކޮށްފައިވެއެވެ.
ޕެރެއިރާގެ އިތުރުން ކާލީ ސިޓީން 32 އިމާރާތެއް ވެއްޓިފައިވާއިރު، ޗޮކޯ، ވެލެ ޑެލް ކައުކާ، މަނިޒާލެސް، ކުއިބްޑޯ އަދި މެޑެލިންއިންވެސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޕެރެއިރާ، މަނިޒާލޭސް، ކުއިބްޑޯ، އަރްމީނިއާ، ކާޓާގޯ އަދި ބުއެނަވެންޗޫރާ ފަދަ ސަރަހައްދީ އެއާޕޯޓްތަކަށްވެސް ބިންހެލުމުގެ ސަބަބުން ވަނީ ގެއްލުންތަކެއް ލިބިފައެވެ.
ވެރިރަށް ބޮގޯޓާގައި ގަސްތަކާއި ޓްރެފިކް ލައިޓްތައް ވެއްޓި ދަތުރުފަތުރަށް ބުރޫއަރާފައިވީ ނަމަވެސް، އެ ސިޓީގެ އިންފްރާސްޓްރަކްޗަރަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ބިންހެލުމުގެ އަސަރު އަވަށްޓެރި ވެނެޒުއެލާ، އިކުއެޑޯ އަދި ޕެނަމާއަށްވެސް ކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން ކޮލަމްބިއާގެ ރައީސް އަބެލާޑޯ ޑެ ލާ އެސްޕްރިއެލާ ވަނީ ގައުމީ ކާރިސާގެ ހާލަތު އިއުލާންކުރައްވައި، ކުއްލި ހާލަތުގެ ބާރުތައް ބޭނުންކުރައްވަން ފައްޓަވާފައެވެ



