މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މި ފެސިލިޓީ ހެދުމަށް ސަރުކާރުން މިހާރު ހުއްދަ ދީފައިވާ ކަމަށާއި، މި މަހުގެ ތެރޭގައި އެކަމަށް ބޭނުންވާ ބިން ހަމަޖެހުމާއެކު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
އެމްޑީ ސައުދީ ފާހަގަކުރެއްވި ގޮތުގައި، މިހާރު ތިލަފުށީގައި އުޅަނދުފަހަރު މަރާމާތުކުރި ނަމަވެސް، ޖާގައިގެ ދަތިކަމުގެ ސަބަބުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް އެބަހުއްޓެވެ. އިންޓަނޭޝަނަލް ކްލާސް އުޅަނދުތައް ވަކި މުއްދަތުތަކެއްގައި ސާވިސްކުރަން ރާއްޖެއިން ބޭރަށް ފޮނުވަންޖެހުމުގެ ސަބަބުން ބޭރު ފައިސާއިން ބޮޑު ހޭދައެއް ކުރަންޖެހޭއިރު، އައު ފެސިލިޓީގެ ސަބަބުން އެ ހަރަދުތައް ކުޑަވެ، ކުންފުނީގެ އާމްދަނީ އިތުރުވެގެންދާނެއެވެ.
ސަރުކާރާއި އެމްޓީސީސީ ގުޅިގެން އެކުލަވާލާ ޕްލޭނެއްގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ތެރެއިން، ޓްރާންޝިޕްމެންޓް ޕޯޓަކާއި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށް އެ ކުންފުނިން ބުނެއެވެ.



