ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 އިންސައްތައަކީ ބިދޭސީން ކަމަށް ސިއްހީ ވަޒީރު ގީލާ އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސިއްހީ ހިދުމަތަކީ ވަރަށް ބޮޑަށް ބިދޭސީންގެ މައްޗަށް ބަރޯސާވެގެން ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. އެގޮތުން ޑޮކްޓަރުން ހިދުމަތް ދޫކޮށް ދިއުމުން، އެ މަގާމުތަކަށް އައު މީހުން ހޯދުމުގައި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ގީލާ ވިދާޅުވީ، ސިއްހީ ދާއިރާގައި 12,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކަމަށެވެ. އޭގެ ތެރެއިން 7,000 އަށްވުރެ ގިނަ މީހުން އަތޮޅުތެރޭގައި މަސައްކަތްކުރާއިރު، މާލޭގައި މަސައްކަތްކުރާ 5,000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 3,000 އަށްވުރެ ގިނައީ ބިދޭސީންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އުންމީދަކީ ސިއްހީ ހިދުމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާއެކު ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޤާއުމީ ޔުނިވަސިޓީ މެދުވެރިކޮށް ތަމްރީނުތައް ފޯރުކޮށްދެމުންދާއިރު، ގިނަ ދިވެހިން މި ދާއިރާގެ ކޯސްތަކަށް ކުރިމަތިލުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.



