ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުޞަތު ބޮޑެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށާއި، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މެޓް އޮފީހުން މިއަދު 18:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.



