Friday, October 16
ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފި

ނޭޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް) އިން ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" (SAILS) ޕުރޮޖެކްޓުގެ އެހީއާއެކު އެންސީއެސް އިން ތަރައްޤީކުރި މި ޕޯޓަލަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލަކެވެ.

މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.

މިއަދު އިފްތިތާޙުކުރެވުނު މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި:

  • ކެރިއަރ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ "އެކްޝަން ޕްލޭން" ތައް މޮނިޓަރ ކުރެވޭނެ އިންތިޒާމު މި ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.
  • ކެރިއަރ ޕާތުވޭ ޑިޒައިނަރ: މިއީ ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭ ބައިވެރިއެކެވެ.
  • މައިލްސްޓޯން ޓްރެކަރ: މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެކެވެ. މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި، އިތުރަށް ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެއެވެ.
  • ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދެއެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު، އެންސީއެސްގެ ހެލްޕްލައިން 1475 އަދި ވެބްސައިޓާއި އީމެއިލް މެދުވެރިކޮށްވެސް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު