Friday, October 16
އެސްއެމްއީ ޑިޖިޓަލްގެ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ހާއްސަ އޯޕަންޑޭއެއް 15 އޮގަސްޓް 2026 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ މި ހަރަކާތް ކުރިއަށް ދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9 އިން ހަވީރު 4 އަށް ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި މި އޯޕަންޑޭގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް،ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާތައް ފޮނުވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އޮފާ ގަބޫލުކުރައްވާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާލެވޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ. ރީފައިނޭންސް ކުރައްވަން ވަޑައިގަންނަވާއިރު އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑު ގެންނަންވާނެއެވެ.

އިސްލާމިކް ފައިނޭންސް އަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު