Thursday, October 15
ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ގުޅުވައިގެން ޝޯޝަލް މީޑިއާގަ ދައުރުވަމުންދާ ވާހަކަ ދޮގުކޮށްފި

ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކަންދިޔަ ބަލިމީހަކަށް ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން ހާމަކޮށް، އެ ހޮސްޕިޓަލުން އެކަން ދޮގުކޮށްފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އެ ތަނުން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި، އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ޚިދުމަތްތަކެއް ކަމަށެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމަކީވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ޤާނޫނުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެ ކަމަށް ބުނެފައިވެއެވެ.

ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި، ބަލިމީހުންނަށް ފަރުވާދިނުމުގައި އެފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި، ރުހުން ހޯދުމުގެ އިތުރުން ކްލިނިކަލް މިންގަނޑުތަކަށް ޢަމަލުކުރުމަށް އަބަދުވެސް ބާރުއަޅައެވެ. އަދި ދައުލަތުގެ ސިއްޙީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މަޢުލޫމާތާއި ސިއްރުތައް ހިފެހެއްޓުން ކަށަވަރުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޙަޤީޤަތް ބެލުމެއްނެތި ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން، ޚިދުމަތް ހޯދާ ފަރާތްތަކަށާއި ސިއްޙީ ޚިދުމަތްތެރިންނަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްޙީ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭތީ ހޮސްޕިޓަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، ޚިދުމަތް ދިނުމަށް ދަތިވާފަދަ ގޮތަކަށް ސާބިތުނުވާ މަޢުލޫމާތު ނުފެތުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ރައްޔިތުން އެ ހޮސްޕިޓަލަށް ކުރާ އިތުބާރަށް ޝުކުރު އަދާކޮށް، ކުރިއަށްއޮތް ތަނުގައިވެސް ރައްކާތެރި އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު