އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢާއި އެމްޓީސީސީއާ ގުޅުވައިގެން "އަސްލު ޓީވީ" އިން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެ، އެކަން އެމްޓީސީސީން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިހުމާލާއި، ރައްޔިތުންނަށް ގެއްލުން" މި މައުޟޫއަށް އަސްލު ޓީވީން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ކަމުގެ ހަޤީޤަތް އޮޅޭގޮތަށް އާންމުކޮށްފައިވާ ބުހުތާނު ދޮގު ރިޕޯޓެއް ކަމަށެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، އަމީނީ މަގުގެ މަޝްރޫޢުގައި އެ ކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ މަގުގެ ހެންވޭރު ކޮޅުން، ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދުގެ ސަބްބޭސް ތައްޔާރުކޮށް ތާރު އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 9 ފެބްރުއަރީ 2023 ގައެވެ. އަދި އެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 16 ފެބްރުއަރީ 2023 ގައެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މިފަދަ ދޮގު ރިޕޯޓެއް ފެތުރުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކޮށް، ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެއްދުން ކަމަށެވެ. އަދި މިއީ ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް މާލީ ގޮތުން ގެއްލުން ދިނުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި އެމްޓީސީސީން ސިފަކުރެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށާއި، ރައްޔިތުންގެ ކުންފުނީގެ ހައިސިއްޔަތުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ ހެވާ ލާބައަށް ކަމަށެވެ.
އެމްޓީސީސީން ވަނީ ކަންކަމުގެ ހަޤީޤަތް ބެލުމެއް ނެތި، ނޫސްވެރިކަމުގެ އަދަބުތަކާ ޚިލާފަށް މިފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އަސްލު ޓީވީން އާންމުކުރި މި ވީޑިއޯގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވައިދެއްވުމަށް އެދި، އެ ކުންފުނީގެ ޤާނޫނީ ޓީމުން މިހާރު މި މައްސަލައިގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަންވެސް ވަނީ ހާމަކޮށްފައެވެ.



