ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ތިމާވެށްޓާ ރަށްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މަގޭ ސޯލާ ނެޓް މީޓަރިންގގެ ޚިދުމަތް 2025 ވަނަ އަހަރުގެ ތެރޭގައި 11 އަތޮޅެއްގެ ގޭބީސީތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިގޮތުން ފެނަކައިން މިދިޔަ އަހަރު ނެޓް މީޓަރިންގެ ޚިދުމަތް ދިން ރަށްތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ތ، ލ، ގއ، ގދ އަދި ޏ އަތޮޅުގެ ރަށްތައް ހިމެނެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނައިން ސޯލާ މީޓަރިންގެ ޚިދުމަތް ފޯރުކޮށްދީފައިވާނީ ނ އަތޮޅުގެ ރަށްތަކުގެ ގޭބީސީތަކަށެވެ. މިގޮތުން ނ އަތޮޅުގެ 40 ގޭބީސީއަކަށް ޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށާއި، ދެވަނައަށް އެންމެ ގިނައިން މިޚިދުމަތް ފޯރުކޮށްދިން ލ އަތޮޅުގައި ޖުމުލަ 37 ގޭބީސީއަކަށް މި ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށްވެސް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފެނަކައިން ވަނީ ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށްވެސް ނެޓް މީޓަރިންގެ ޚިދުމަތް ފޯރުކޮށްދީފައެވެ. މިގޮތުން ފެނަކައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އައިސްފައިވާ ހުރިހާ އަތޮޅަކަށް 2025 ވަނަ އަހަރުގެ ތެރޭގައި ވަނީ މި ޚިދުމަތް ފޯރުކޮށްދީފައެވެ.
ނެޓް މީޓަރިން އަކީ އާންމު ފަރާތްތަކުން ނުވަތަ ވިޔަފާރިތަކުން އިއާދަކުރަނިވި ހަކަތަ (މިސާލަކަށް އިރުގެ އަލިން ކަރަންޓު އުފައްދާ ސޯލާ ޕެނަލް) ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ތެރެއިން، އަމިއްލަ ބޭނުމަށްވުރެ އިތުރުވާ ބައި އާންމު ކަރަންޓު ގްރިޑަށް ފޮނުވައިދޭ ނިޒާމެކެވެ.
މި ނިޒާމު މަސައްކަތްކުރާ ގޮތުގެ މުހިންމު ބައިތަކަކީ އިތުރުވާ ކަރަންޓު ގްރިޑަށް ފޮނުވުމެވެ. މިއީ ގޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު، ބޭނުންކޮށްފައި ބާކީވާނަމަ އެ ކަރަންޓު ކަރަންޓު ކުންފުނީގެ (މިސާލަކަށް ސްޓެލްކޯ ނުވަތަ ފެނަކަ) މައި ގްރިޑަށް ފޮނުވާލެވެއެވެ. ގްރިޑަށް ފޮނުވާ ކަރަންޓު ޔުނިޓްތައް، ކުންފުނީގެ ފަރާތުން ބޭނުންކުރާ ކަރަންޓު ބިލުން އުނިކޮށްލެވޭނެއެވެ. މީގެ މާނައަކީ އަމިއްލައަށް ދައްކަންޖެހޭނީ އެބަޔަކު ބޭނުންކުރި ޖުމްލަ ކަރަންޓުން، އުފެއްދި ކަރަންޓު އުނިކުރުމުން ބާކީ އޮންނަ މިންވަރަށެވެ. މީގެ އިތުރުން މި ނިޒާމުގެ ސަބަބުން ކަރަންޓު ބިލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
ރާއްޖޭގައި ނެޓް މީޓަރިންއާ ބެހޭ ގަވާއިދެއް އެކުލަވާލާފައިވާއިރު، މިއީ ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސޯލާ ޕެނަލް ހަރުކޮށްގެން މި ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށާއި ވިޔަފާރިތަކަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ.



